ތިބާގެ ލޯބިވާ ދަރިފުޅު ނުވަތަ ގާތް އާއިލާގެ މީހުން، އޭނާގެ އަމިއްލަ ސިކުނޑީގެ ކޮންޓްރޯލް ގެއްލޭ ބާރުގަދަ މަސްތުވާއެއްޗެއް، ކޮންމެ ދުވަހަކު ހައެއްކަ ފަހަރު ބޭނުން ކުރަނީ ކީއްވެހެއްޔެވެ؟
މަސްތުވާތަކެތިން އޭނާއަށް އުފަލެއް ލިބެނީ ހެއްޔެވެ؟ ނޫން ނަމަ ދެވީގެ މަޖުބޫރީ ހާލަތުގައި ބޭނުން ކުރަންޖެހެނީ ހެއްޔެވެ؟ މަސްތުވާތަކެތި ހުއްޓަން ބޭނުންވި ނަމަވެސް އެކަން ނުވަނީ ކީއްވެހެއްޔެވެ؟ ހުއްޓާލާފައި ނިކަން އަވަހަށް އަނެއްކާ ވެސް މަސްތުވާން ފަށަނީ ކީއްވެހެއްޔެވެ؟
މަސްތުވާތަކެތި ބޭނުން ކުރާ މީހާގެ ސިކުނޑި މަސައްކަތް ކުރާ ގޮތް ތިބާ އަދި އަހަންނަށް ފަހުމުކޮށް، ދޭހަކުރަން އުނދަގުލެވެ. ދުވަހުގެ ތެރޭގައި އަހަރުމެން ވިސްނަނީ ކުރިއަށް އޮތް ޒިންމާއަށެވެ. ކުރިއަށް އޮތް ނަމާދަށެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހާއަށް ބެލެނީ ކުރިއަށް އޮތް މަސްތުވުމަށެވެ. އަނެއްކާ ވެސް މަސްތުވެވޭނެ ގޮތަކަށެވެ.
މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓާލުމުން އޭނާއަށް ތަދުވެ އެވެ. ހިތާއި ސިކުނޑިއަށް ވޭން އަޅަ އެވެ. ގައިގައި ރިއްސައި، މީހާ ބަލިމަޑުކަމަކަށް ފޮނުވާލަ އެވެ. އެ ހިތާމަ އަދި ނިމުމެއް ނެތް ތަދުން މިންޖުވާނީ އަނެއްކާ ވެސް މަސްތުވެގެން ކަމަށް އޭނާއަށް ހީވެ އެވެ.
މަސްތުވުން އަދި މަސްތުވާ މީހާގެ އިހުސާސްތައް ބޮޑަށް ދަނެގަތުމަށް، އަހަރުމެން މި އިށީންދެލަނީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމުގައި 16 އަހަރު ހޭދަކޮށްފައިވާ އަލީ އަދީބާއެކު އެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހާ އެ ބޭނުން ކުރުން ހުއްޓާލުމުން ދިމާވާ ކަންކަމުގެ ވާހަކަ އޭނާ ދެއްކި އެވެ. އަދީބު ދެއްވީ މަސްތުވާ މީހާ އަދި ބެލެނިވެރިންނަށް ވެސް އަގުހުރި ފިލާވަޅެކެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހާގެ ސިކުނޑިއަށް މިވަނީ ކިހިނެއް؟
"ކޮންމެ މަސްތުވާއެއްޗެއް ވެސް ބޭނުން ކުރުމުގައި ދެމިހުރީމަ މިވާގޮތަކީ ނޯމަލްކޮށް ސިކުނޑީގައި ފަންކްޝަންކުރަން ބޭނުންކުރާ އެއްޗެހި ހަލާކުވަނީ. ދިވެހިން ބުނާގޮތުންވިއްޔާ އަސްލު ކުރަންވާ ގޮތަށް ނޫން އެހެން ގޮތަކަށް އޮޅުން ބޮޅުން ކޮށްލަނީ. އެންމެ ފުރަތަމަ ހަލާކު ކޮށްލަނީ އަހަރުމެންގެ ހިތްހަމަޖެހުމުގެ ބައި. އިންސާނުންނަކީ ބޭނުންވާ ކަންތައްތައް ރިޕީޓުކުރަން ބޭނުންވާ ބައެއް. ކަމުދާ ކޮންމެ ކަމެއް އެނގެނީ ސިކުނޑީގައި އުފައްދާ ޑޮޕަމައިން ކިޔާ ނިއުރޯ ޓްރާންސްމީޓާއަކުން. އޭތި އިތުރުވާ ކޮންމެ ފަހަރަކު ސިކުނޑި އެބަ ނޯޓުކުރޭ މިހުރީ ހިތްހަމަޖެހިފައި ކަމަށް. އަހަރުމެން ދިރިއުޅެން ޖެހޭ ބައެއް ކަންތައްތައް ވެސް މި ހުންނަނީ އެ ސިސްޓަމުގެ ތެރެއިން އައިސްފައި. މިސާލަކަށް ކެއުން، އެއީ އަހަރުމެން ދިރިއުޅެން ކުރަން ޖެހޭ ކަމެއް އެއީ. މަސްތުވާއެއްޗެހިން ވާގޮތަކީ އެ ހުރިހާ ކަމެއްގެ މައްޗަށް ސަވާރުވެ، ދިގު މުއްދަތަކަށް މަސްތުވާތަކެތި ބޭނުންކުރީމަ ޑޮޕަމައިން ސިސްޓަމު ހަލާކުކޮށްލާ ބުއީމަ ނޫނީ ހިތްހަމަ ނުޖެހުން ނުލިބޭ ގޮތަކަށް. އެޑިކްޓުވުމަށްފަހު ސިސްޓަމް ރަނގަޅަށް މަސައްކަތް ކުރަން ބޭނުންވާނަމަ މި ޖެހެނީ ބޯން. ސިސްޓަމް ހަލާކުވުމުން މަޑުމަޑުން ހިތްހަމަ ޖެހޭ ހުރިހާ ކަމެއްގެ މައްޗަށް ސަވާރުވަމުން ގޮސް ހުރިހާ ކަމެއްގެ މައްޗަށް އަންނަނީ ބުއިން."
"ދެވަނައަށް ހަލާުކުކޮށްލަނީ ފަހަތު ކަރު ދިމާލުން މަތީގައި ބޯޅައެއްހެން ހުންނަ ސެރެބެލަމް ކިޔާބައި. އެއީ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ކޯޑިނޭޝަންގެ ބައި. ކޯޑިނޭޝަންއަކީ މިސާލަކަށް ސައިކަލު ދުއްވާއިރު ނަގާ ޑިޒިޝަންސްތައް، ކުރިމަތީ އޮތް ކާރު ކިހާ ހިސާބެއްގައި ހުރީޔާތޯ އަދި އަހަރެން ކިހާ ހިސާބެއްގައި ހުރީޔާތޯ އޭތި ހުއްޓީމަ ގޮސް ބަން ކިޔާފަ ނުޖެހޭނީ. ބުއީމަ ވާގޮތަކީ އެ ހުރިހާ ކޯޑިނޭޝަނެއް އޮޅެނީ. ބޭނުންކުރީމަ ރިއަލް ލައިފްގައި އެކްސިޑެންޓުފަދަ ކަންކަން މި ދިމާވަނީ ކޯޑިނޭޝަން ގެއްލުނީމަ."
"އެންމެ ބޮޑަށް މި ބަދަލުކޮށްލަނީ އިންސާނުންގެ ސިކުނޑީގެ އެންމެ މުހިންމު ބައި ކަމަށްވާ ނިއްކުރީގެ ފަހަތުގެ އިންނަ ބައި ޕްރިފެރެންޓަލް ކޯޓެކްސްއޭ މި ކިޔާބައި. އެއީ އަހަރުމެންގެ އެގްޒެކެޓިވް ހުރިހާ ފަންކްޝަންއެއް. ހެވާއި ނުބަޔާއި ކަންތައްތައް ޕްލޭން ކުރުންފަދަ ލައިފް ޑިޒިޝަންސް މޭކް ކުރަނީ އެބައިން. ބޭނުންކުރަން ފެށުމުން އެބައި މުޅިން ސަކަރާތްވޭ. އެއާއެކު ޑިޒިޝަން މޭކިން ވެސް ސަކަރާތްވޭ. ފަރުވާގެ ފުރަތަމަ އެއް ޕްރިންސިޕަލްއަކީ ފަރުވާ ޖެހޭނެއޭ ފަސޭހައިން ލިބެން ހުންނަން. އެ ޕްރިންސިޕަލް މި އިންނަނީ ވެސް އެބައި ހަލާކުވާތީ. މިސާލަކަށް އަހަރެން ގޭ މީހުން ކައިރީ މި ބުނަނީ އަހަރެން ވަރަށް ސަކަރާތޭ އަހަރެންނަށް މިހެން އުޅެވެން ނެތޭ، އަހަރެން ބޭނުމޭ ފަރުވާއަށް ދާން. އެހެން ބުނާ ހިސާބުން އޭނަ ފަރުވާއަށް ނުލައިފިއްޔާ އިރުކޮޅަކުން އެބަ މައިންޑް ޗޭންޖުވޭ. އެއީ ޑިޒިޝަން މޭކިން ހަލާކުވެފައި ހުންނާތީ. ދާން ބުނާ ގަޑީގައި ކޮންމެވެސް ތަނަކަށް ލާން ޖެހޭ. އެއީ ފަރުވާގެ ފުރަތަމަ އުސޫލަކީ. ރާއްޖޭގައި އެ އުސޫލު ފޮލޯއެއް ނުކުރޭ."
މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓާލީމަ މެންޓަލީ އަދި ފިޒިކަލީ އެމީހަކަށް މިވަނީ ކިހިނެއް؟
"ވިތުޑްރޯވަލްސް ވެސް މި އަންނަނީ އަސްލު ސިކުނޑީގެ ބައެއް ހަލާކުވީމަ. ޖަޒްބާތުތަކާ ބެހޭ ބައި ހަލާކުވީމަ. އެއީ އެކްސްޓެންޑެޑް އެމިގްޑާލާ. އެބައި ހަލާކުވީމަ ކުއްލިއަކަށް ބޭނުން ކޮށްކޮށް ހުރި އެއްޗެއް ހުއްޓާލީމަ މި ވާ އުނދަގޫތަކާއި މި ޖަޒުބާތުތަކާއި ސިކޭ މިކިޔާ ބައި އަންނަނީ އެހެންވެގެން. ސައިންސް މި ބުނަނީ ސިކަކީ މަސްތުވާ އެއްޗެހި ބޭނުން ކުރުމުގައި އިންސާނާ ދެމި ހުރުމަށް ވަރަށް ބޮޑު ސަބަބެއް. އެއީ ފުރަތަމަ ބޭނުންކުރާ މީހާއަށް ޑޮޕަމައިން ރިލީޒްވެގެން ހިތްހަމަޖެހުން އެބަ ލިބޭ. ވަކި ހިސާބަކުން ސިސްޓަމް ފަނިވުމުން ބޭނުން މިކުރަނީ ބޭނުން ނުކޮށްފިއްޔާ އަޅާ ވޭނުގެ ސަބަބުން ކެތް ނުވެގެން. ހަމަ ކޮންމެ މީހަކު ވެސް ދެން ބޭނުން ކުރަން މި ފަށަނީ އޭނައަށް ފަންކްޝަން ނުކުރެވޭތީ. ދުނިޔޭގައި އުނދަގޫވާ ހުރިހާ ކަމެއް ވާނެ މިސާލަކަށް އޯޕީއެޑްސް ކަހަލަ ނުވަތަ އެލްކަހޯލް ކަހަލަ އެއްޗެއްގެ ސިކުގައި. މީހާ ލޮލުންނާއި ނޭފަތުން ފެން ފައިބާނެ. ހޮޑުލެވޭނެ. ހީކަރުވާނެ. ހުރިހާ އުނދަގުލެއް އެއްފަހަރާ ޖެހޭނެ."
"ފުރަތަމަ ފަރުވާއަށް ކުއްޖަކު ފޮނުވަން އުޅުނީމަ ވެސް އަހާ އެއްޗަކީ ތިމަންނަގެ ސިކަށް ދެން ވާނީ ކިހިނެއްތޯ. ކޮވިޑު ތެރޭގައި ރާއްޖެއަށް މިހާރު އެބަހުރި ލިބިފައި އޯޕީއެޑްސްއަށް އެންމެ ރަނގަޅު ބޭސްތައް މިސާލަކަށް ބުޕްރެނޯފިން ސިކުވެފައި ހުންނަ މީހާގެ ދޫ ދަށަށް ލީމަ އަހަރެން ބަލަހައްޓައިގެން ހުއްޓާ ސިކު ރަނގަޅުވާ ބޭހެއް. އެ ބޭސް އެންޑީއޭގެ ސެންޓަރުތަކުން މިހާރު ލިބެން އެބަހުރި."
"އެމެރިކަން ސޮސައިޓީ ފޯ އެޑިކްޝަން މެޑިސިންއިން މި ބުނަނީ މަސްތުވާތަކެތި ބޭނުން ކުރުމުން އިންސާނާ އެބަ ހަލާކު ކޮށްލައޭ ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުންނާއި، އިޖުތިމާއީ ގޮތުންނާއި އަދި ރޫހާނީ ގޮތުން. އެހެންވީމަ ހަގީގަތުގައި ފަރުވާ ދޭން މި ޖެހެނީ މި ހަތަރު ބަޔަށް. މީހާ ގެންގޮސް ޑިޓޮކްސްއަށް ލީމަ ފަރުވާ ދެވުނީކީ ނޫން. އެއީ ހަމައެކަނި ޖިސްމާނީ ބައި. ހުއްޓާލީމަ ވާ އުނދަގުލަށް މި ދިނީ ބޭސް. ނަފްސާނީ، ރޫހާނީ އަދި އިޖުތިމާއީ ބައި ހުންނާނީ ހުހަށް. ބެލެނިވެރިންނަށް ވަރަށް ގިނައިން އޮޅޭ ކަމެއް އެއީ. ހަގީގަތަކީ ޑިޓޮކްސްއަކީ ފަރުވާ ފަށަން މީހާ ޖިސްމާނީ ގޮތުން މީހާގެ އުނދަގޫތައް މެނޭޖުކުރަން ދާ ތަނެއް ޑިޓޮކްސްއަކީ."
މަސްތުވާތަކެތި ބޭނުން ކުރާ މީހަކު އެނބުރި މުޖުތަމައުއަށް އަންނައިރު އޭނާއަށް އެހީވެވޭނީ ކިހިނެއް؟
"އަހަރުމެންނަށް ވަރަށް ބޮޑަށް އޮޅޭ އެއްޗެއް ފަރުވާއަށް ދާ މީހާ ދާން ޖެހޭނީ ހުއްޓާލަން ނިންމައިގެންނޭ. އެގޮތަށް ނިންމައިގެން ނުދާ މީހުންނޭ އެ ފެއިލްވަނީ. އެއީ ވަރަށް ނުރަނގަޅު ވިސްނުމެއް އަހަރުމެން ގެންގުޅޭ. ޑްރަގް ކޯޓު ވެސް މި އިންނަނީ ފަރުވާއަށް ދާން ބޭނުން ނުވާ މީހާ ވެސް ފަރުވާއަށް ފޮނުވަން. ފަރުވާގެ ކަމެއް އެއީ އޭނާގެ ވިސްނުން ވެސް ބަދަލު ކުރުން. ފަރުވާއަކީ ރަނގަޅު ފަރުވާއެއް ވެއްޖެއްޔާ އޭނަގެ ވިސްނުން ބަދަލުވޭ. އެހެންވީމަ ދާ މީހާ ދާން ޖެހެނީ ކޮންމެހެން ހުއްޓާލަން ނިންމައިގެނެއް ނޫން. އެންޑީއޭއިން ހަދާ އިންޑިކޭޓިވް އެސެސްމަންޓުން އެނގެނީ ޖިސްމާނީ ގޮތުންނާއި، އިޖުތިމާއީ ގޮތުންނާއި، ނަފްސާނީ ގޮތުން އަދި ރޫހާނީ ގޮތުން ލިބިފައި ހުރި ގެއްލުން. އެއަށް ބިނާކޮށް ފަރުވާ މި ތައްޔާރުކުރަނީ."
"މިސާލަކަށް މުހައްމަދުގެ އެބަހުރި ޖިސްމާނީ މައްސަލައެއް އެއަށް މި ދެނީ ވިތުޑްރޯވަލްސް ފަރުވާ. ދެން އެބަހުރި ޖިސްމާނީ އެހެން މައްސަލައެއް އޭނަގެ ބުރަކަށި ވަރަށް ބޮޑަށް ހަލާކުވެފައި ބުއިމުގެ ތެރޭގައި. އޯޕީއެޑްސްއަކީ ހެރޮއިން ކެޓަގަރީއަށް އަންނަ އެއްޗެއް. އެންމެ ގަދަޔަށް ތަދު ފިލުވާ އެއް ބޭސް އެއީ. އެހެންވުމުން ހުއްޓާލާ ހިސާބުން މި އެނގެނީ ވެސް. ބޭނުން ކޮށްކޮށް ހުންނައިރު ތަދެއް ނުވާނެ ބޯ އެއްޗެއްގެ ސަބަބުން. އެހެންވީމަ ފަރުވާއިން ނުބޮއެ ތަދު މެނޭޖުކުރަން މުހައްމަދުއަށް ދަސްކޮށް ނުދެންޏާ އެންމެ ފުރަތަމަ ވެސް އޭނަ އައިސް ފަށާނީ ބޯން."
"އިޖުތިމާއީ މައްސަލައަށް ބަލާއިރު އެންމެ ބޮޑަށް ދިމާވަނީ ފެމިލީ ޕްރެޝާ. ފެމިލީއަށް ދީފައި އޭނަ ހުރި ގެއްލުމުގެ ޕްރެޝާ މި އަންނަނީ އަބަދު ވެސް. އޭނަ އެބަހުރި މަންމަގެ ވޮލެޓު ވަގަށް ނަގާފައި އަދި ދައްތަ އެއްޗެހިތަކެއް ވިއްކާލާފައި ނުވަތަ ކޮއްކޮގެ ރަން ފަށް ވަގަށް ނަގާފައި. އެހެންވީމަ ގޭ މީހުން އޭނަ ކޮންމެ ފަހަރަކު އަންނައިރަށް އެބަ ފެނޭ އަމަލީ ގޮތުން ނުކުރިޔަސް ވޮލެޓު ފޮރުވާތަން ނުވަތަ ތަންތަން ތަޅުލާތަން. މިސާލަކަށް ނުބުންޏަސް އޭނައަށް އެބަ އެނގޭ މިވަނީ ކީއްކަން. އެ ގިލްޓު އެބަ އިނދޭ. އެކަންތައް ބޮޑުވެގެން ގޮސް ބޯ ކުއްޖެއްވިއްޔާ އެސެސްމަންޓް ހަދާއިރު އޭނައަށް ދޭން ޖެހޭ ފެމިލީ ތެރަޕީ. އޭނަގެ ފެމިލީއާއެކު ކައުންސިލިން ދޭން ޖެހޭނެ."
"އެކި މީހުންގެ މި ހުންނަނީ އެކި މައްސަލަތައް. އެ އެއްޗިއްސަށް ފަރުވާ ނުދީ ކޮންމެ ރަށެއްގައި ކިތަން ބޮޑު ތަނެއް އަޅާފައި އަހަރެއް ނުވަތަ ދެ އަހަރު ބެހެއްޓިޔަސް ކުއްޖާ އަނެއްކާ ވެސް އެ މައްސަލައާ ހެދި ބޭނުން ކުރަން މި ފަށްޓަނީ. މުޖުތަމައު ތެރޭގައި ވެސް ފަރުވާއަކީ ކޯއްޗެއްކަން ނޭގޭތީ ކުއްޖާއާ ދިމާލަށް އިނގިލި މި ދިއްކުރެވެނީ. އަހަރުމެންނަށް އެނގޭ ސަރުކާރުން ބަޖެޓުވެސް އެބަ ކުރޭކަން އަދި މިލިއަނުން ހަރަދުވެސް ކުރާކަން. އެކަމަކު އެ ދެނީ އޭނައަށް ބޭނުންވާ ފަރުވާއެއްތޯ އަހަރެމެން ސުވާލެއް ނުކުރޭ."
"ފަރުވާ ދެވެނީ ދެގޮތަކަށް. އެއްގޮތަކީ ބޭހާ އެކީ ދެވޭ ފަރުވާ. އޯޕީއެޑްސްފަދަ މަސްތުވާތަކެއްޗަށް އެބަހުރި ދުނިޔޭގައި ބޭސްތަކެއް އުފެދިފައި. އެއީ މެތަޑޯން، ބުޕްރެނޯފިން، ނަލްޓްރެކްސޯންފަދަ ބޭސްތަން. ރަލަށް ވެސް އެބަހުރި ބޭސްތަކެއް. ދެން މި ހުންނަނީ ސުލޫކީ ގޮތުން ދޭ ފަރުވާ. އެއީ ކައުންސިލިންއާއި މެންޓަލް ހެލްތު ސަޕޯޓާއި، ގްރޫޕް ތެރަޕީފަދަ ކަންތައްތައް. އެ ދެ ބައި ނައިސް އެއްވެސް މީހަކު ރަނގަޅެއް ނުވާނެ. ބައެއް ކުދިން ބޭސް ބޭނުން ކޮށްގެން ވެސް ރަނގަޅުވޭ އަދި އަނެއް ކުދިން ސުލޫކީ ކަންކަން އެކަނި ކޮށްގެން ވެސް ރަަނގަޅުވޭ."
"މަސްތުވާތަކެއްޗަށް ދެވި ހިފުމަކީ ދިގު ދެމިގެންވާ އަލުން އަނބުރާ އިހުވަރުވުން އެކުލެވޭ ސިކުނޑީގެ ބައްޔެކޭ. މިއީ ސިކުނޑީގެ ބައްޔަކަށްވާ ސަބަބަކީ ސިކުނޑީގެ މައިގަނޑު ބައިތަކެއް ހަލާކުވެގެންދާތީ. އަދި މި ބަލި އެންމެ ފަސޭހައިން ފާހަގަކުރެވޭ އެއް ކަމަކީ ބައިވަރު ނޭދެވޭ ކަންތައްތައް މީހާއާ ދިމާވެ ދިމާވެ ހުންނައިރު ވެސް މަސްތުވާތަކެތި ހޯދުމާއި ބޭނުން ކުރުމުގައި މީހާ ނިމިގެން ދިޔުން. އެއީ ޑެފިނިޝަން."
"ގަބޫލުކުރަން ޖެހޭ 25 އަހަރުގައި މަސްތުވާތަކެތި ބޭނުންކުރަން ފަށާ މީހަކާއި 18 އަހަރުގައި ބޭނުންކުރަން ފަށާ މީހަކާ ތަފާތުވޭ. އަދި އެންމެ ފަހުން ހެދި ސާވޭއިން ދައްކާ ގޮތުގައި 8 އަހަރުގައި ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރަން ފަށާ. 8 އަހަރުގައި މަސްތުވާތަކެތި ބޭނުންކުރަން ފަށާ ކުއްޖާއަށް 9 ވަރަކަށްފަހު ފަރުވާ ދީގެން ނޫނީ ސަލާމަތެއް ނުވެވޭ. އެއީ ސިކުނޑި އެއްކޮށް ފުރިހަމަ ނުވާތީ ލިބިފައި ހުރި ގެއްލުން މާ ބޮޑުވީމަ. 25 އަހަރުގައި ބޭނުން ކުރަން ފަށާ މީހާއަށް އެއް ފަހަރު ފަރުވާ ދީގެން ވެސް ސަލާމަތް ވެދާނެ."
"މަސްތުވާތަކެތި ބޭނުން ކޮށްފައި ނިކުންނަ މީހާއަށް ފަރުވާގެ އެއްބައި އެބަ ހިނގަންޖެހޭ މުޖުތަމައުގައި. އެއީ އެކްސްޓެންޑެޑް ކެއާ. މިއީ ދިގު ދެމިގެންވާ ބައްޔެއް. މިސާލަކަށް ހަކުރު ބަލިފަދަ ދިގު ދެމިގެންވާ ބަލިތަކުގައި އުމުރު ދުވަހު ކެއުމަށް ބަދަލު ގެނެސްގެން އުޅެން ޖެހޭ. މަސްތުވާތަކެއްޗަށް ދެވި ހިފުމަކީ ވެސް އެކަހަލަ ބައްޔެއް. ހަކުރު ބަލި ޖެހޭ މީހާ ވަރަށް ބޮޑަށް ހަކުރު މައްޗަށް ދިޔާމަ މި ގެންދަނީ ހޮސްޕިޓަލަށް. އެއީ އިން ޕޭޝަންޓް. އެއަށްފަހު ސްޓޭބަލް ވީމަ ގެއަށް މި ދޫކޮށްލަނީ. އެކަމަކު މައްޗަށް ދާނަމަ އަންނަން ބުނެފައި އޮންނަނީ. އެހެންވީމަ އައުޓް ޕޭޝަންޓުކޮށް ދެވޭނެ ކޮންމެ އިރަކު. ހަމަ އެގޮތަށް މި އޮންނަނީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ބަލި މަޑުކަން ވެސް މި އޮންނަނީ."
"ހުއްޓާލައިގެން ހުންނަ މީހާއަށް މައްސަލަ ދިމާވެދާނެ ކޮންމެ ހިސާބަކުން ވެސް. ދިމާވާ އިމޯޝަނަލް މައްސަލައެއްގެ ސަބަބުން ވެސް ބޯހިތްވެދާނެ. އެއަށް ފިޔަވަޅު އެޅެން ޖެހޭނެ. ރިސާޗުތަކުން އެބަ ދައްކާ ހަތަރު އަހަރު އެބަ ޖެހޭކަން ގެންގުޅެން. އޭގެ މާނައަކީ ވަލެއް ޖަހައިގެން ގެންގުޅޭށެކޭ ނޫން. އެޓްލީސްޓް ކޮންޓެކްޓެއް އެބަ އިންނަން ޖެހޭ. ދުރުގައި އުޅޭއިރު ވެސް ދޭތެރެއަކުން ގުޅާލާފައި ބަލާލަން ޖެހޭ. ފަރުވާއާ އިންނަން ޖެހެނީ ކަނެކްޓްވެފައި. ބޯހިތްވާ ދުވަހު އޭނައަށް ގުޅޭނެ ތަނެއް ވެސް ހުންނަން ޖެހޭ."
"މަސްތުވާތަކެތި ބޭނުންކުރާއިރު މި ޖަހަނީ ބޮބްމާލީގެ ލަވައެއް. އެ ލަވަޔަކީ ބޯއިރު އަބަދުވެސް ޖަހާ ލަވަ. ރީހަބަށް ގޮސްފައި އޭނައަށް އެނގެން ޖެހޭނެ އެ ލަވަ އޭނަ ޖަހައިފިއްޔާ އޭނަގެ ސިކުނޑީގައި ޑޮޕަމައިން އުފައްދާނެކަން އަދި އަނގައިގައި ރަހަ ވެސް ލާފާނެކަން. ރީހަބުން ދަސްކޮށްދޭން ޖެހޭނެ ނުދައްޗޭ ބޯ ތަންތަނަށް އަދި ބޯން ގެންގުޅުނު އާލާތާ ވެސް ދުރުވައްޗޭ."
ބައެއް މީހުން ވަރަށް ފަސޭހައިން މަސްތުވުން ހުއްޓާލާ. ބައެއް މީހުންނަށް ވަރަށް އުނދަގޫ. އެއީ ކީއްވެ؟
"އަހަރެންނާ އެބަހުރި ބައެއް މީހުންނާ ދިމާވެފައި މަސްތުވާތަކެތި ބޭނުން ކޮށްފައި ހުރިލެއް ބޮޑުކަމުން ދެން އަންނަ ގަޑިއިރަކު ނުބޯނަމޭ ބުނާ މީހުން. އެއީ އޭނަ ނީޑް. ފަރުވާ ވެސް އެއް ފަޓުލޫނެއް އެންމެނަކަށް ހެޔޮވަރެއް ނޫން. ފަރުވާވެސް މި ޖެހެނީ މީހަކަށް ފަހާ އެއްޗެއްހެން ހަމަ ސީދާ އެމީހަކަށް ފަހަން. އަހަރުމެން ރިކަވަރީގައި ވެސް މި ޖެހެނީ އަހަރުމެންނަށް ވޯކް ކުރާ އެއްޗެއް ހޯދަން. އަހަރެންނަކީ މިސާލަކަށް މަސްތުވާތަކެތީގެ ވާހަކަ ދައްކާނަމަ ބޯހިތްވާ މީހެއް. އެހެންވިއްޔާ އެކަހަލަ ވާހަކަ ދައްކާ ތަނަކަށް އަހަންނަކަށް ނުދެވޭނެ. އެމީހުން ޖެހޭނީ އެހެން ގޮތެއް ހޯދަން."
"މިސާލަކަށް ރީހަބު ނިންމާފައި މި އަންނަނީ ގެއަށް. ގެއަށް އަންނައިރު މި ފެންނަނީ އަހަރެން ގޭ މީހުން އަދިވެސް އަހަރެންނަށް އިތުބާރު ނުކުރާތަން. މިސާލަކަށް ވޮލެޓު ނުފެނިގެން އުޅުނީމަ އެބަ އަހާ ވޮލެޓު ދެކުނިންހޭ. އެހެން އެހީމަ ވެސް އުނދަގޫވާނެ. މީޓިންގައި އެބަ ބުނޭ ވަރަށް ރަނގަޅަށް ނުބޮއެ ނަމާދުކޮށްގެން އުޅޭއިރު ވެސް އެބަ އަހައޭ ވޮލެޓު އޮތްތަން ވެސް. މިސް ޕްލޭސް ވިޔަސް އަހަނީއޭ. ފޯނާ އެއްޗެހި ވެސް މިސް ޕްލޭސް ވިޔަސް އަހަނީއޭ."
"ބައެއް މީހުން އުޅޭނެ ޑަން ކިޔާފައި ހުއްޓާލާ މީހުން ވެސް. އެކަމަކު އެންމެންނަށް އެހެނެއް ނުވޭ. އެވާހަކަ އެބަ އޮތް ސައިންސްގައި ވެސް. އުޅޭނެއޭ ނެޗުރަލް ރިކަވަރާސް ކިޔާ ބައެއް. އެމީހުން ޕްރޮގްރާމަކަށް ވެސް ނުދާނެއޭ، ކުއްލިއަކަށް ހެނދުނު ހޭލާ ގޮތަށް ޑަން އެ ނިމުނީއޭ ހުރިހާ ކަމެއް. އެމީހުންނާ ޕްރޮގްރާމުތަކަށް ގޮސްގެން ރިކަވާވާ މީހުންނާ ވެސް އެބަހުރި އެއްގޮތްވާ ކަންތައްތަކެއް. އެމީހުން ދޮގު ހެދުން ހުއްޓާލައި، އޮޅުވާލައި ހުއްޓާލައި، ބޯ މީހުންނާއެކު އުޅުން ހުއްޓާލައި، ބޯ ތަންތަނަށް ދިޔުން ހުއްޓާލައި، އެހެން މަސްތުވާ އެއްޗެހި ބޭނުން ކުރުން ވެސް އެމީހުން ހުއްޓާލައޭ. އެ މީހުންނަށް ވެސް ހުއްޓާލެވެނީ ކަންތައްތަކެއް ކޮށްގެން. ޕްރޮގްރާމަށް ދާ މީހާ ވެސް ހުއްޓާލަނީ ވަރަށް ގިނަ ކަންތައްތަކެއް ކޮށްގެން."
"ބައެއް މީހުން ބުނާނެ ތިމަންނަ މި އުޅެނީ ޖަލުގެ ދެ ފޮށި ދޭތެރޭގައޭ. ހިންމަ ފުއްޓާއި މާފުއްޓާ ދޭތެރޭގައޭ. އެކަމަކު ތިމަންނައާއެކު ބުއި އިބްރާހިމް ބަލާބަލާށޭ އެ ހުރީ ހުއްޓާލައިގެންނޭ. ހަމަ އެކީގައި އެކައްޗެކޭ ބުއީ. ސައިންސް މި ބުނަނީ ބައެއް މީހުން ދެވި ހިފާލެއް އަވަހޭ، އިންސާނެއްގެ ބައެއް ކަހަލަ ކަންތައްތައް ހުރެއޭ ދެވި ހިފާލެއް އަވަސްވާ ކަންތައްތައް. ބައެއް މީހުންގެ ހުންނަ ކަންތައްތަކުން އެހާ ފަސޭހައިން ދެވި ނުހިފައޭ. މިސާލަކަށް އެބަ ބުނޭ ޖެނެޓިކްސް ވަރަށް ބޮޑު ރޯލެއް ކުޅެއޭ. އަހަރެން ބައްޕައަކީ ވަރަށް ގަދަޔަށް ސިނގިރެޓު ބޯ މީހެއް ކަމަށްވާނަމަ، އަހަރެން ސިނގިރެޓު ބޯން ފަށައިފިއްޔާ އަހަރެން އެއަށް ދެވި ހިފާލެއް އަވަހޭ ޖެނެޓިކަލީ ސިނގިރެޓު ނުބޯ މީހެއްގެ ދަރިއަކަށްވުރެ. ވާރުތަކުރެއޭ. ނަފްސާނީ ގޮތުން ގެއްލުމެއް ލިބިފައި ހުންނަ މީހާ މަސްތުވާއެއްޗެއް ބޭނުން ކޮށްފިނަމަ ވަރަށް ފަސޭހައޭ ދެވި ހިފާލެއް. އެބިޒްވެ، ޓްރޯމާއެއް ގޯތުރޫ ކޮށްފައި ހުންނަ މީހާ ވަރަށް ފަސޭހައޭ މަސްތުވާ ތަކެއްޗަށް ދެވި ހިފާލެއް. ޅަ އުމުރުގައި މަސްތުވާތަކެތި ބޭނުން ކުރާ މީހާ ވަރަށް ޗާންސް ބޮޑޭ އެއަށް ދެވި ހިފުމާއި، އެ އާދަތައް އަށަގަތުން. އެއީ އޭނަގެ ސިކުނޑި ބޮޑު ނުވަނީސް އެ ބޭނުން ކުރަން ފެށީމަ."
ވަރަށް ގިނަ މީހުން މަސްތުވުން ހުއްޓާލުމަށްފަހު ހަމަ ގޭގައި ތިބެނީ. އެއީ ކޮން ކަހަލަ ކަމެއް؟
"ބެލެނިވެރިންނާ ވަރަށް ބޮޑަށް ސުވާލު ކުރާ ކަމެއްތީ، ކިހާ ދުވަހަކުތޯ ތިހެން ބެލޭނީ. ވަރަށް ގިނައިން ބެލެނިވެރިން ބުނާނެ ދަރިފުޅު ރިހަބުން އައިމަ ދަރިފުޅު ނުޖެހޭނެއޭ އެއްވެސް ކަމެއް ކުރާކަށް. ދަރިފުޅުގެ ހުރިހާ ކަމެއް ބަލަހައްޓާނީ ތިމަންނަމެންނޭ. މަސްތުވާތަކެތި ބޭނުން ކޮށްފައި ރިކަވަރީގައި އުޅުމަކީ ވެސް ހަމަ ދުނިޔޭގައި އުޅުން. ދުނިޔޭގައި އުޅެން ކުރަން ޖެހޭ ކަންތައްތަކަށް އެމީހާ އެބަ ޖެހޭ ނިކުންނަން ވެސް. ވަޒީފާއަކަށް އެބަ ދާން ޖެހޭ ނޫނީޔާ މީހާގެ ދިރިއުޅުން ފުރިހަމައެއް ނުވޭ. މީހާ އަމިއްލަ ފައިމައްޗަށް ތެދުވެ ރެސްޕޮންސިބަލްވުމާއި، އެއީ ހަމަ ސީދާ ރިކަވަރީއަށް މަސައްކަތް ކުރުން. ރިކަވަރީއަށް މަސައްކަތް ނުކުރާ މީހަކު އެގޮތަށް އުޅުމުން ވަރަށް ގާތް އިހުވަރުވުމާ. އެއީ ރިސާޗުތަކުން ވެސް ދައްކާ ގޮތް. އިންސާނަކު ރިކަވަރީގައި ނެތީޔާ އޭނަ އެހުރީ ބުއިމާ ވަރަށް ގާތުގައޭ. ރިކަވަރީގައި ކުރަން ޖެހޭ ކަންތައްތަކެއް އެއީ ވަޒީފާއަށް ދިޔުމާއި، ގުޅުންތައް ބަދަހި ކުރުމާއި އެހެން މީހުން ވެސް އުޅޭހެން އުޅެން ފެއްޓުމަކީ. ރާއްޖޭގައި މި އޮންނަނީ ޕޭރެންޓުން ހުރިހާ ކަމެއް ކޮށްދޭ ގޮތަށް. އުޅޭ ތަނާއި، ހަރަދުވެސް ކުރަން. މީހަކާ އިނީމަ އެބަ ޖެހޭ ދަރިންނަށް ވެސް ހަރަދުކޮށް ބަލަން މި ޖެހެނީ ޕޭރެންޓުން. އެއީ ލައިފެއް ނޫން."
"ނަފްސާނީ މައްސަލަ އުޅޭ ކުއްޖާއަށް ބަރަބާރަށް އަޅާނުލެވެއްޏާ އޭނަ ބޭނުމެއް ނުވެދާނެ ނިކުންނާކަށް ވެސް. މަސްތުވާތަކެތި ބޭނުން ކުރާ ކުައްޖާއަށް ދެ ގޮތަކަށް މި ނަފްސާނީ މައްސަލަ ދިމާވަނީ. އެއީ މަސްތުވާތަކެތި ބޭނުންކުރީމަ ނަފްސާނީވާ ކުދިންނާއި އެ ބޭނުން ކުރުމުގެ ކުރިން ނަފްސާނީ މައްސަލަ ދިމާވެފައި ތިބި ކުދިން. މިސާލަކަށް ބޭނުންކުރަން ފެށީމަ މީހުންނާއެކު އުޅެން ބޭނުން ނުވަނީ. މީހުންނާއެކު ތަންތަނަށް ދިޔާމަ އޭނަ ހާސްވަނީ، ހާޓް ބީޓް އަވަސް ވަނީ. ބައެއް ފަހަރު އެފަދަ މައްސަލަ ހުރީމަ އޭނައަށް ވެސް އެކަން ނޭގޭ. އަސްލު ދަސްކޮށްދޭން ޖެހޭ އެއީއޭ އަސްލު އެ ވާ ގޮތަކީ. ބައެއް މީހުންނަށް ބުއީމަ މީހުން ތެރެއަށް ނިކުމެ އުޅެވެނީ. އެއީ އެ ބައްޔަށް ބައެއް ފަހަރު ބޭހަކަށް މި ވަނީ ބޭރު ތެރެއަށް ނިކުމެ އުޅެން ވެސް"
"ފަރުވާގެ ވެސް ހުރޭ އެކި ވައްތަރުތައް. ރިސާޗުން މި ބުނަނީ އަބަދުވެސް ދާން މި ޖެހެނީ ލޯ އިންޓެސިޓީއިން ހައި އިންޓެންސިޓީއަށޭ. އެސެސްމަންޓު ހަދާފައި ފުރަތަމަ ޓްރައި ކުރަން މި ޖެހެނީ އައުޓް ޕޭޝަންޓް. އަހަރުމެން ނިންމާނީ އޭނަ ނިދާނީ ގޭގައޭ. އަހަރުމެން ނިންމާނީ އޭނަ އަންނަނީ ކޮންމެ ދުވަހަކު ވެސް ހަ ގަޑިއިރު އުޅޭނީ ފަރުވާތެރޭގައޭ. އެއީ މީޓިންތަކާއި، ކްލާސްތަކާއި، ކައުންސިލިންތަކުގައި. އެހެން އުޅެނިކޮށް ސަކަރާތްވީޔާ ދެން މި ލާން ޖެހެނީ އިންޕޭޝަންޓަށް. އެއީ އައުޓް ޕޭޝަންޓް މަސައްކަތް ނުކުރީމަ. އެއީ އައިޖީއެމްއެޗް ތަންތާގައި ހިތުގެ ބަލީގައި ހަދާހެން ފުރަތަމަ ދޫކޮށްލަނީ ގެއަށް. ގޭގައި ކޮންޓްރޯލް ނުވީމަ ދެން އެޑްމިޓް ކޮށްގެން ސްޓޭބަލް ކުރާނީ. ރާއްޖޭގައި އެކަނި މި ފެންނަނީ ބަންދުކޮށްގެން ކަންކަން ކުރުން. އެހެންވީމަ އަބަދުވެސް މި ފެންނަނީ ތަންތަން ހެދުން. އެތަނަށް ދާން ނުޖެހޭ މީހާ ވެސް މި ލަނީ އެތަނަށް"
"ރާއްޖޭގައި ފަރުވާ ދޭން ޖެހޭ މީހުންގެ 20 ޕަސަންޓު ވެސް ނުޖެހޭ ބަންދުކޮށްގެން ގެންގުޅޭކަށް. ބައެއް މީހުން ތިބޭނެ މުޖުތަމައުއިން ފަރުވާ ދެވޭނެ މީހުންވެސް. ބަންދު ކުރުމުން ބައެއް މީހުންގެ ރިޒަލްޓެއް ވެސް ނުފެނޭ. ޖަލުގައި ވެސް ގިނައީ ރިޕީޓަރުން. އޭގެއިން އެނގެނީ ފެއިލްޑްކަން. ޖަލުގައި 80 ޕަސަންޓަށްވުރެ ވެސް ގިނަ މަސްތުވާތަކެތި ބޭނުންކުރާ މީހުން. އަހަރުމެންގެ ރެސްޕޮންސްވެސް ފެއިލްޑްކަން އެނގޭ އެކަމުން ވެސް."
މަސްތުވުން ހުއްޓާލުމުގައި ދީން އަދި ރޫހާނީ ބައި ކިހާ މުހިންމު ރޯލެއް އަދާކުރޭ؟
"ރޫހާނިއްޔަތު ބައެއް މީހުން މި ގަބޫލުކުރަނީ ދީނީ ގޮތުން އެކަންޏެއް ނޫން. އެއީ އަހަރުމެންނަކީ ރޫހާނީ ބައެއް. އަހަރުމެންނާ އެހެން އިންސާނުއްނާ އޮންނަ ގުޅުން ކެނޑިގެން ދިޔުމަކީ ވެސް ރޫހާނީ ގޮތުން މީހާ ބަލިކަށިކޮއްލާ ކަމެއް. މީހާގެ ކަލްޗަރަލް ފަރުވާ ވަރަށް ބޮޑަށް ވާން ޖެހޭ މީހާގެ ސަގާފަތާއި ގަބޫލުކުރުމާ ދިރުވަންޖެހޭ. ދީން ރަނގަޅަށް ގަބޫލުކުރުމަކީ މަސްތުވާތަކެއްޗަށް މީހާ ދިޔުންވެސް ހުއްޓުވާ ކަމެއް. އެއީ ހަރާން ކަމަކަށްވާތީ. އެހެންވީމަ މީހާގެ އަގީދާ ރަނގަޅިއްޔާ މަސްތުވާތަކެއްޗަށް ދިޔުން ހުއްޓުވާނެ. އެއީ ރިކަވަރީގެ އެއްބައި. ވަރަށް މުހިންމު ބައެއް އެއީ. އެބަ ފެނޭ ގަދަކަމަށް ނަމާދަށް ވެސް ފޮނުވީމަ މި ބައި ނުފެންނަތަން. އެކަމަކު ނަމާދަށް ވެސް ކީއްވެގެންކަން މިދަނީ އެނގެންޏާ ތަފާތުވޭ. ފަރުވާތައް ވެސް މި ހުންނަނީ ކަލްޗަރަލީ އެޕްރޮޕްރިއޭޓް ކޮށްފައި. އެ ހުންނަނީ މުޖުތަމައުގައި ހުންނަ ގަބޫލުކުރުންތަކާ ވެސް އެއްގޮތްވާ ގޮތަށް."