އެއީ ބަލާލަން ރީތި އިމާރާތެކެވެ. ސިއްހީ ހިދުމަތް ދޭން ރާއްޖޭގައި ހާއްސަކޮށްފައިވާ އިމާރާތްތަކުގެ ތެރެއިން އެ ވަރުގެ އިމާރާތެއް ނެތެވެ. ނަމަވެސް އެތަނުގެ ހިދުމަތް ހޯދާ ރައްޔިތުން ބުނަނީ އައްޑޫ އިކިއުޓޯރިއަލް ހޮސްޕިޓަލުގެ ފެންވަރެއް ނެތް ކަމަށެވެ. މަލަމަތި ރީތި ނަމަވެސް އެކަށީގެންވާ މިންވަރަކާ ގާތަށް ވެސް ހިދުމަތް ނުލިބޭ ކަމުގެ ޝަކުވާ ބޮޑެވެ.
އައްޑޫގައި ދިރިއުޅޭ 25،000 ރައްޔިތުންގެ އިތުރުން ދެކުނުގެ ބައެއް އަތޮޅުތަކުން ވެސް ސިއްހީ ފަރުވާ ހޯދަން އަންނަނީ އެ ހޮސްޕިޓަލަށެވެ. އެކި ބަލިތަކަށް ހާއްސަކޮށް ގިނަ ޔުނިޓުތަކެއް ހޮސްޕިޓަލުގައި ހަދާފައި ހުރި ނަމަވެސް ބައެއް ޔުނިޓްތަކުން ހިދުމަތް ނުދެވެ އެވެ.
ބައެއް ފަހަރު އެތަނަށް ހިދުމަތް ހޯދަން ދާއިރު އޮކްސިޖަން މާސްކު ފަދަ އަސާސީ ތަކެތި ހުންނަނީ ބޭނުން ނުކުރެވޭ ހާލަތުގަ އެވެ. ބަލިމީހާ އެ ސާމާނު ހޯދަން ޖެހެނީ އަމިއްލައަށެވެ.
އެކަމަކު ރައްޔިތުން އެންމެ ފޫހިވާ އެއް މައްސަލައަކީ ޕްރައިވެޓް އޮފީހެއް ހިންގާ ގޮތަށް ހަވީރު 4:00 ޖަހާއިރަށް ހޮސްޕިޓަލުގެ ބޮޑު ބައެއް ރަސްމީކޮށް ބަންދު ކުރުމެވެ. އެ ގަޑިއަށްފަހު އެތަނުން ހިދުމަތެއް ހޯދުން ފަސޭހަ ނޫން ކަމަށް އާންމުން ބުނެ އެވެ.
ހޮސްޕިޓަލުގެ އޯޕީޑީ ހަވީރު ބަންދުކުރުމުން ބޮޑު ތަކުލީފަކަށް
އައްޑޫ އިން ހަމައެކަނި ރަނގަޅު ފެންވަރެއްގެ ހިދުމަތް ލިބޭ ހޮސްޕިޓަލު ހަވީރު 04:00 ޖަހާއިރު ބަންދު ކުރުމަކީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ތަކުލީފެކެވެ.
އައްޑޫ އިން ވާހަކަ ދެއްކި މީހަކު ބުނީ ހޮސްޕިޓަލުން 4:00 ޖެހުމަށްފަހު ހިދުމަތެއް ހޯދާނަމަ ދާން ޖެހެނީ އެމަޖެންސީއަށް ކަމަށެވެ. އެކަމަކު އެހެން ހޮސްޕިޓަލުތަކާ ހިލާފަށް އެމަޖެންސީން ވެސް ހިދުމަތް ލިބެނީ ނަމްބަރެއް ނަގައިގެނެވެ.
"4:00 ގެ ފަހުން ހިދުމަތް ހޯދަން އެމަޖެންސީއަށް ދާއިރު ގިނަ ފަހަރަކު އެތާ މީހަކު ވެސް ނުހުރޭ. އެތައް އިރެއް މަޑުކޮށްގެން ހިދުމަތް ލިބެނީ. ބޮޑު ކަމެއް ދިމާވެގެން ހިދުމަތް ހޯދަން ދިޔައިމަ ސްޕެޝަލިސްޓަކަށް ގުޅައި އާދޭސްކޮށްގެން ގެންނަން މި ޖެހެނީ،" އައްޑޫއިން ވާހަކަ ދެއްކި މީހާ ބުނި އެވެ.
ސްޕެޝަލިސްޓުން ނުތިބޭ ގަޑިތަކުގައި އައިސީޔޫގައި އޮންނަ ބަލި މީހަކަށް ކަމެއް ދިމާވެއްޖެ ނަމަ ބައެއް ފަހަރު ހަދާ ގޮތަކީ ޑޮކްޓަރު އެހެން ޑޮކްޓަރަކަށް ގުޅައިގެން އެކަމުގެ ލަފާ ހޯދައި ފަރުވާ ދިނުމެވެ. އެއީ ވެސް ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެވެ.
އައްޑޫ ހޮސްޕިޓަލު 4:00 ޖަހާއިރު ބަންދު ކުރާ ރަސްމީ ސަބަބެއް ބުނެދީފައެއް ނޯވެ އެވެ. އައްޑޫ ރައްޔިތުން ބުނަނީ އެތަން ބަންދު ކުރަނީ ހަރަދު ކުޑަ ކުރަން ކަމަށެވެ.
ތަރައްގީގެ ވައުދު، ލޮލުގައި އަޅުވާ އަނދުނަކަށް
އައްޑޫގެ ރައްޔިތުން ކޮންމެ ސަރުކާރެއް އައުމާއެކު ވެސް އެދޭ އެއް ކަމަކީ ރަށުގެ ސިއްހީ ނިޒާމު ރަނގަޅުކޮށް ބޮޑު ހަރަދުކޮށްގެން މާލެއަށް ފަރުވާ ހޯދަން ނުގޮސް ވާނެ ގޮތެއް ހެދުމެވެ. އެ ހުވަފެން ބަލައި ރައްޔިތުން ކޮންމެ ފަހަރަކު އެ އޮންނަ ސަރުކާރެއް ބަދަލު ކުރުމަށް ވޯޓު ވެސް ދެ އެވެ. ނަމަވެސް މިހާތަނަށް އެއްވެސް ސަރުކާރަކަށް ރަށުގެ ހޮސްޕިޓަލު ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރެވޭ ގޮތެއް ނުވެ އެވެ.
ކުރީ ސަރުކާރުތަކުން އައްޑޫ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ކުރުމަށް ބައެއް މަސައްކަތްތައް ކޮށްފައިވާއިރު، ރައްޔިތުން ބޭނުންވާ ފެންވަރަކަށް އަދިވެސް ހޮސްޕިޓަލުގެ ފެންވަރު މަތި ކުރެވިފައެއް ނުވެ އެވެ.
އައްޑޫ ހޮސްޕިޓަލުން ހުރިހާ ހިދުމަތެއް ލިބޭ ގޮތަށް ތަރައްގީ ކުރުމަކީ މިހާރު އޮތް ސަރުކާރުގެ ވެސް ވައުދަކަށްވާއިރު، އެ ވައުދު މިފަހުން އައްޑޫއަށް ކުރެއްވި ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަކުރާރު ކުރައްވާފަ އެވެ.
ބައެއް ވަސީލަތްތައް މަސައްކަތް ނުކުރޭ، ބައެއް ހިދުމަތް ވެސް ނުލިބޭ
އައްޑޫ ހޮސްޕިޓަލުގައި ގިނަ ޔުނިޓުތަކެއް ހަދާފައި ހުރި ނަމަވެސް އޭގެ ތެރެއިން ހިދުމަތް ނުދެވޭ ޔުނިޓުތައް ވެސް ގިނަ އެވެ.
ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހެއް، ވަޒީފާގެ ގޮތުން ނަން ނުޖެހުމަށް އެދި ބުނީ، ހޮސްޕިޓަލުގެ ހިތުގެ ބައްޔަށް ހާއްސަ ޔުނިޓު ބަންދު ކޮށްފައިވާއިރު، ލޮލުގެ ހިދުމަތް، ޑައިލަސިސްގެ ހިދުމަތް އަދި ސާޖަރީ ހެދުމަށް ބޭނުންވާ ބައެއް ސާމާނު އެތަނަކު ނެތެވެ.
އޭގެ އިތުރުން ހޮސްޕިޓަލުގެ މެއިންޓަނަންސްގައި މަސައްކަތް ކުރާ މީހަކު ބުނީ ހޮސްޕިޓަލުގެ ޖެނެރޭޓަރު ސެޓުގެ އޮޓަމެޓިކް ބައި މަސައްކަތް ނުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ކަރަންޓް ކެނޑި ގިނަ ވަގުތުވެއްޖެ ނަމަ ހިތާމަވެރި ހާދިސާއެއް ދިމާވުމުގެ ބިރު އަބަދު ވެސް އޮންނަ ކަމަށެވެ.
ޖާގަ ތަނަވަސް އައްޑޫ ހޮސްޕިޓަލުގައި ކެންޓީނެއް ނެތުމުގެ ދަތިކަން ވެސް ރައްޔިތުންނަށް ކުރިމަތިވާއިރު، ކޮންމެ ފަހަރަކު ޖެހެނީ ހޮސްޕިޓަލުން ބޭރުގައި ހުންނަ ކޮންމެވެސް އެހެން ތަނަކުން އޯޑަރުކޮށްގެން ކާބޯތަކެތި ހޮސްޕިޓަލަށް ގެންނާށެވެ. އަދި ފިހާރައަކުން އެއްޗެއް ގަންނަން ބަލާއިރުވެސް ދާން ޖެހެނީ ވަރަށް ދުރަށެވެ.
ހޮސްޕިޓަލުގައި ސްޕެޝަލިސްޓު ޑޮކްޓަރުން މަދު
އައްޑޫ ހޮސްޕިޓަލުގައި ހިދުމަތް ދޭން ތިބި ޑޮކްޓަރުންނަށް ބަލާއިރު އޭގެ ތެރޭގައި ސްޕެޝަލިސްޓުން ވަރަށް މަދުކަން ފާހަގަކުރެވެ އެވެ.
ހޮސްޕިޓަލުގެ އެމަޖެންސީގައި އާދައިގެ ޑޮކްޓަރު ހިދުމަތް ދިނުމަށް ހުންނައިރު، ސްޕެޝަލިސްޓުން ހޮސްޕިޓަލުގައި ތިބެނީ ހެނދުނު 08:00 ޖަހާއިރުން ފެށިގެން ހަވީރު 04:00 ގެ ނިޔަލަށެވެ.
"ޑޮކްޓަރުން މަދުކަމުން ޗުއްޓީ ނަގަން ބޭނުންވާ ބަޔަކަށް ވެސް އެކަން ކުރަން އުނދަގޫވޭ. ނަރުހުން ވެސް މަދުވުމުން ޗުއްޓީ ނަގަން އުނދަގޫވޭ،" ހޮސްޕިޓަލުގައި މަސައްކަތްކުރާ އެހެން މީހަކު ބުނި އެވެ.
ހޮސްޕިޓަލުގައި މަސައްކަތް ކުރާ ބައެއް ދިވެހި ނަރުހުން ފަރުވާ ކުޑަ ކަމަށް ވެސް އައްޑޫއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އެގޮތުން ބައެއް ބަލި މީހުން ސާފު ކުރުމުގެ ޒިންމާ ނަރުހުންނަށް އޮންނައިރު، އެ ޒިންމާ އާއިލާއާ ހަވާލު ކުރާ ކަމަށް އޭނާ ބުންޏެވެ.
ދަތުރު ނުކުރެވޭ ބަލި މީހުން މަރުވާ މިންވަރު ގިނަކަމުގެ ޝަކުވާ
ހޮސްޕިޓަލުގައި އެނދުމަތިކުރާ ބަލި މީހުންގެ ތެރެއިން ފްލައިޓުން ދަތުރު ކުރުން މަނާ މީހުން ހޮސްޕިޓަލުގައި މަރުވާ މިންވަރު ގިނަކަމުގެ ޝަކުވާ ވެސް އައްޑޫ ރައްޔިތުން ކުރެ އެވެ.
އެގޮތުން ހޮސްޕިޓަލުން އިތުރު ފަރުވާ ނުދެވި، މާލެއަށް ނުވަތަ ރާއްޖެއިން ބޭރަށް ނުފޮނުވޭ ގިނަ ބަޔަކު މިހާތަނަށް ހޮސްޕިޓަލަށް ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ސާޖަރީތައް ކޮށްގެން އިތުރަށް ހާލު ދެރަވާ ބަލި މީހުން ވެސް ހިމެނެ އެވެ.
އައްޑޫ އިން ވާހަކަ ދެއްކި މީހަކު ބުނީ އޭނާގެ މަންމަ ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓު ކުރުމަށްފަހު އިތުރަށް ހާލު ދެރަވެގެން އާދޭސް ކުރުމުން ވެސް ފުރައިގެންދާން ހުއްދަ ނުދިން ކަމަށާއި އެންމެ ފަހުން މަންމަ ދުނިޔެ ދޫކޮށް ދިޔަތަން ހުންނަން ޖެހުނީ ބަލަން ކަމަށެވެ.
"އަހަރުމެން ކިތަންމެ ވަރަކަށް އާދޭސް ކުރިޔަސް ޕޭޝަންޓުން ފޮނުވަން ހުއްދައެއް ނުދޭ އައްޑޫ އިން ބޭރަށް. މިތަނުގައި ފްލައިޓުން ދަތުރު ނުކުރެވޭ ހާލަތަށް ދާ ކޮންމެ މީހަކީ މަރުގެ ރަނގަބީލު ޖެހިފައިވާ މީހަކަށް ބަދަލުވޭ. މިކަމަށް އެބަ ޖެހޭ ހައްލު ގެންނަން،" މަސްލަހަތަށްޓަކައި ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި އެ މީހާ ބުންޏެވެ.
އައްޑޫ ހޮސްޕިޓަލުގައި މިހާރު އެންމެ ރަނގަަޅަށް ހިނގަނީ ވިހެއުމުގެ ކަންކަން ކަމަށް އައްޑޫ އިން ވާހަކަ ދެއްކި މީހަކު ބުނި އެވެ. އޭނާ ބުނީ އެކަމަށް ބޭނުންވާ ވަސީލަތްތައް ވަރަށް ފަހުން ހޮސްޕިޓަލަށް ގެނެސްފައިވާއިރު، ކުރިން ހޮސްޕިޓަލުގައި ވިހެއުމަށް އޮންނަ ބިރު މިހާރު ނޯންނަ ކަމަށެވެ.
އައްޑޫ ހޮސްޕިޓަލުގެ ހާލަތާ ގުޅޭ ގޮތުން މި ނޫހުން އެ ހޮސްޕިޓަލުގެ މެނޭޖުމަންޓުގެ އަދި މީޑިއާގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް، މައުލޫމާތު ދިނުމަށް ހޮސްޕިޓަލުން ވަނީ ދެކޮޅު ހަދައިފަ އެވެ.
އައްޑޫ ރައްޔިތުންގެ އާދޭހަކީ އެ ރައްޔިތުންނަށް ޖެހިފައިވާ މި ތަކުލީފު ސިޔާސީނުކޮށް، ކެމްޕެއިނަށް ޖަހާ ކަޑައެއްގެ ބަދަލުގައި މައްސަލަ ހައްލު ކޮށްދިނުމެވެ. އައްޑޫ ރައްޔިތުން މި ތަކުލީފުން ސަލާމަތްވުމަށް އެދޭތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ. ސަރުކާރުން އެކަން ސީރިއަސްކޮށް ނަގައި، ރައްޔިތުންގެ އަޑު އަހަންޖެހެ އެވެ.