މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުމަށް ފުރަތަމަ ބޭނުމީ ރަނގަޅު ދިރާސާއެއް

މަސްތުވާތަކެއްޗަކީ މުޅި ދުނިޔެއަށް ވެސް ޖެހިފައި އޮތް ބޮޑު ވަބާއެކެވެ. ރާއްޖޭގައި އެކަން އޮތީ ކުޑަ އާބާދީއަކާ ބަލާއިރު އެހެން ގައުމުތަކަށްވުރެ ގޯސްކޮށޭ ބުނެވިދާނެ އެވެ. އެހެން ނަމަވެސް ރާއްޖޭގައި މަސްތުވާތަކެއްޗާ ބެހޭ ރަނގަޅު ދިރާސާއެއް ވެސް އަދި ހަދައިފައެއް ނެތެވެ.

މަސްތުވާތަކެއްޗަކީ މުޅި ދުނިޔެއަށް ވެސް ޖެހިފައި އޮތް ބޮޑު ވަބާއެކެވެ. ރާއްޖޭގައި އެކަން އޮތީ ކުޑަ އާބާދީއަކާ ބަލާއިރު އެހެން ގައުމުތަކަށްވުރެ ގޯސްކޮށޭ ބުނެވިދާނެ އެވެ. އެހެން ނަމަވެސް ރާއްޖޭގައި މަސްތުވާތަކެއްޗާ ބެހޭ ރަނގަޅު ދިރާސާއެއް ވެސް އަދި ހަދައިފައެއް ނެތެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައިވާ ގޮތުން މަސްތުވާތަކެއްޗާ ބެހޭ ސިޔާސަތުތައް ކަނޑައަޅަން "ނެޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް" (އެންޑީސީސީ) ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކައުންސިލެއް އުފައްދައި ހިންގަން ޖެހެ އެވެ. އެ ކައުންސިލް އުފައްދާފައި އޮތަސް އެ ކައުންސިލްގެ ބޭނުން ސަރުކާރުތަކުން ރަނގަޅަށް ނުހިފަ އެވެ. ސަރުކާރުތަކުގެ މި އިހުމާލާއެކު މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަން ޖެހިފައިވާ މަސައްކަތް ވެސް ވަނީ އިތުރުވެގެން ގޮސްފަ އެވެ.

މަސްތުވާތަކެއްޗަށް މީހުން ދެވިހިފުމާއި އޭގެ ވިޔަފާރިކުރުން ހުއްޓުވަން ފިޔަވަޅު އެޅުމުގައި ސަރުކާރުތައް ނާކާމިޔާބުވީ އެކަމަށް ދޭން ޖެހޭ ފުރިހަމަ އަހައްމިއްޔަތުކަން ނުދޭތީކަން ފާހަގަކުރެވެ އެވެ. އެ އަހައްމިއްޔަތުކަން ދޭން ފަށަނީ ކޮންމެ ފަހަރަކުވެސް ފޫކޮޅުގައި ރޯވާ ހިސާބުންނެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަން ޖެހޭ މަސައްކަތް އެތައް ގުނައެއް އިތުރުވެ، އެކަމާ ދެކޮޅަށް ކުރަން ޖެހޭ ހޭދަ ކޮންމެ އަހަރަކު އިތުރުވަމުން މިދަނީ އެހެންވެ އެވެ.

މަސްތުވާތަކެއްޗަށް ދެވިހިފާ ގިނަ މީހުންގެ މިސްރާބު މާލެއަށް

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން 2022 ގައި ހެދި ބޯހިމެނުމުގައި ރާއްޖޭގައި 452،495 މީހުން އުޅޭއިރު، އޭގެ ތެރެއިން ގިނަ މީހުން ދިރިއުޅެނީ މާލޭގަ އެވެ. އެއީ ދެލައްކައެއްހާ މީހުން ކަމަށް އަންދާޒާ ކުރެވެ އެވެ. މިހެންކަމުން މާލެއަކީ ރާއްޖޭގައި އެތައް ބަޔަކަށް އެތައް ފުރުސަތެއް އޮތް ތަނެކެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ބެންކޮކަށް މާލެ ވެގެން ގޮސްފައިވަނީ އެ މީހުންނަށް އަގުހެޔޮކޮށް މަސްތުވާން ލިބޭތީ އެވެ. ބައެއް މީހުން އަމިއްލަ ރަށް ދޫކޮށްފައި މާލެ އަންނަނީ ރަށުން ލިބޭ އެތިކޮޅު ކުޑަވުމުން އަދި އަގުބޮޑުވުމުން އެއަށްވުރެ ރަނގަޅު ގޮތެއް ހޯދުމަށެވެ. އެމީހުންނަށް މަގުމަތީ ސަލާން ޖަހާލައިގެން ބޭނުންވާ އެތިކޮޅު ބޯލައިގެން، މަގުމަތީ ނިދާލައިގެން އުޅެވެ އެވެ.

މާލޭގެ ބައެއް މީހުން އެމީހުންގެ އަމިއްލަ ގެވެސް ކުއްޔަށް ދިނުމަށްފަހު، އެ ލިބޭ ފައިސާއިން މަސްތުވެގެން މަގުމަތީ ނިދައިގެން ވެސް އުޅެ އެވެ. އަދި ބައެއް މީހުން އެމީހުން ދިރިއުޅޭ ތަން މަސްތުވާތަކެތި ބޭނުންކުރާ ކެފޭއެއް ހެދުމަށް ދިނުމަށްފަހު، ހިލޭ ބޯލަން ލިބޭތީ އެތަން ހިންގައިގެން ވެސް ދިރިއުޅެ އެވެ. މިއީ މިކަން މިހާރު އޮތް ހާލަތެވެ. އިއްޔެއަކު މިއަދަކު ވީ ކަމެއް ވެސް ނޫނެވެ.

އެޑިކްޝަން ޕްރޮފެޝަނަލް އަދި ރިކަވަރީ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަލީ އަދީބު ވިދާޅުވީ މަސްތުވާތަކެތި މާލެއިން ލިބެން ހުންނަނީ މާ ފަސޭހައިން ކަމަށާއި، އެކަމަށް އެދެވޭ ފިޔަވަޅުތަކެއް، މިހައިތަނަށް އެއްވެސް ސަރުކާރަކުން އަޅާފައި ނުވާ ކަމަށެވެ.

"އެ ކުދިންނާ ވާހަކަދެއްކީމަ އެބަ ބުނޭ މާލޭގައި ސަލާން ޖަހައިގެންވިޔަސް ލާރި ހޯދާލައިގެން 20 ނުވަތަ 30 ރުފިޔާ ހިފައިގެން ކެފޭއަކަށް ދިޔާމަ އެބަ ލިބެއޭ. އެކަމަކު ރަށްރަށުގައި އެކަން ކުރަން 100 ރުފިޔާ ހޯދަން ޖެހޭއިރު، ލިބޭ އެތިކޮޅު ވަރަށް ކުޑައޭ," އަދީބު ވިދާޅުވި އެވެ.

އެތައް ސަރުކާރެއްގެ އިހުމާލު

މަސްތުވާތަކެއްޗަށް މީހުން ދެވިހިފުމާއި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ޓަކައި ގާނޫނެއް ހެދިތާ 13 އަހަރު ވެގެން ގޮސްފައިވާއިރު، މި މުއްދަތުގައި ސަރުކާރު އެތައް ފަހަރަކު ބަދަލުވެއްޖެ އެވެ އެހެން ނަމަވެސް މަސްތުވާތަކެތީގެ މައްސަަލަ ހައްލުކުރަށް ކުރަމުން އަންނަ މަސައްކަތުގެ ގިޔަރު ބަދަލުނުވެ އޮތުމަކީ މިކަން ހައްދުން ނައްޓައިގެން ދާން ޖެހުނު އެންމެ ބޮޑު ސަބަބެވެ. ކޮންމެ ސަރުކާރަކުން ވެސް މައްސަލަ އޮތް މިންވަރު ރަނގަޅަށް ދެނެނުގަނެ، އެކަމަށް ފިޔަވަޅުތަކެއް އަޅަން މަސައްކަތް ކުރަނީ އެވެ.

މަސްތުވާތަކެތިފަދަ ބޮޑެތި މައްސަލަތަކަށް އެކަމާ ކުރިމަތިލާން ޖެހެނީ ރަނގަޅު ދިރާސާއެއް ހެދުމަށްފަހު ގައި ކަމަށްވާއިރު، އެކަމަށް މިހާތަނަށް ވެސް އެންމެ ރަނގަޅު ދިރާސާއެއް ނެހެދެ އެވެ. އެކަމަށް ބޭނުންވާ ފަންޑު ދޭން ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ބޭނުންވި ނަމަވެސް، އެ ފުރުސަތުގެ ބޭނުން ހިފައި މައްސަލައިގެ ސީރިއަސްކަން ބެލުމަށް ބޭނުމެއް ނުވެ އެވެ. އަބަދުވެސް ކުޑަ ދިރާސާއަކުން ނިންމާލަނީ އެވެ.

އެންޑީސީސީއަކީ މަސްތުވާތަކެއްޗާ ގުޅިގެން ސިޔާސަތުތައް ކަނޑައަޅައި، ރައީސްއަށް ލަފާދޭ ކައުންސިލެވެ. އެ ކައުންސިލު ނައިބުރައީސްގެ ރިޔާސަތުގެ ދަށުން މިނިސްޓަރުންނާއި، މިނިސްޓަރުންގެ ނައިބުން ކަނޑައަޅައިގެން ހިންގަން ޖެހޭއިރު އެ ކައުންސިލް ރަނގަޅަށް މަސައްކަތް ނުކުރުމަކީ ސަރުކާރުތަކުން މިކަމަށް ދޭ އަހަމިއްޔަތުކަން ކުޑަކަން ދައްކުވައިދޭ ކުޑަ މިސާލެކެވެ.

ކޮވިޑުގައި ނުރައްކަލުގެ ރަނގަބީލު ޖެހުނުއިރު އަޅައިނުލެވުނު

ކޮވިޑް-19 ގައި މުޅި ދުނިޔެ ބަންދުވެގެން ދިޔައިރު އެ ބައްޔާ އެއްވަރަށް މަސްތުވާތަކެތީގެ ވަބާވެސް ދުނިޔޭގައި ފެތުރިގެންދިޔަ އެވެ. ރާއްޖޭގައި ކޮވިޑުގެ ބަލިމަޑުކަމުގައި ފެތުރިގެންދިޔައީ މަސްތުވާތަކެތީގެ ނުރައްކާ ވައްތަރެއް ކަމަށްވާ މެތުއެމްފެޓަމިން "މެތު" އެވެ. މި ޑްރަގް މުޅި ރާއްޖެއަށް ފެތުރި، އެތައް ބަޔަކު އެއަށް ދެވިހިފިއިރު އެކަމަށް އަޅާ ނުލެވުނެވެ.

ގިނަ މީހުން އެ ޑްރަގް ބޭނުންކުރީ އެއީ ކޯއްޗެއްކަންވެސް ނޭނގި އެވެ. ނަމަވެސް އެއީ ހެރޮއިން (ހަކުރު) އަށްވުރެ ވެސް އެތައް ގުނައެއް ނުރައްކާހުރި އެއްޗެކެވެ. މެތު ބޭނުންކުރާ މީހުން ހަކުރު ބޭނުންކުރާ މީހުންނަށްވުރެ އެކްޓިވްއިރު، އެ ބޭނުންކުރާ މީހުންނަށް ގިނަވަގުތު ހޭލާ ތިބެވެ އެވެ. އަދި އެކަމަށް ރަނގަޅު ފަރުވާއެއް ނުދެވިއްޖެނަމަ ވަރަށް އަވަހަށް ޑްރަގަށް ދެވި ހިފަ އެވެ.

މެތު ބޭނުންކުރާ މީހަކު "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ އެ ޑްރަގް ބޭނުންކުރަން ފެށީ އެއީ ކޯއްޗެއްކަން ނޭނގި ކަމަށެވެ.

"މިކަމުން ސަލާމަތްވާން އަހަރެން ކިތަންމެ މަސައްކަތެއް ކުރިޔަސް އަދިވެސް ސަލާމަތެއް ނުވޭ. ހައްޔަރަށް ގެންދިޔުމުން ގާޒީ ކައިރީ އާދޭސްކޮށްފަ އެބަ ބުނަން އަހަރެންނަށް ފަރުވާދޭށޭ. އެކަމަކު އަދިވެސް ފަރުވާގެ ކަންތައްވެސް ހަމަ ނުޖެހޭ،" އޭނާ ބުންޏެވެ.

މިހައިތަނަށްވެސް މެތު ބޭނުންކުރާ މީހުންނަށް ރާއްޖޭގައި ދެވޭނެ ފަރުވާއެއް ގާއިމު ކުރެވިފައެއް ނުވެ އެވެ. ދެނީ ހަކުރު ބޭނުންކުރާ މީހުންނަށް ދޭ ފަރުވާ އެވެ. ހަކުރު ބޭނުންކުރާ ގިނަ މީހުން މެތު އަގުހެޔޮވުމުން އެ ބޭނުންކުރާ މިންވަރުވެސް އިތުރުވެފައިވާއިރު، ރަނގަޅު ދިރާސާއެއް ނެހެދޭތީ މި ވަބާ ރާއްޖޭގައި އޮތް މިންވަރު އަންދާޒާ އަދި ނުކުރެވެ އެވެ.

"މެތު ރާއްޖޭގައި އާންމު ކުރުމަށް އެތެރެކުރާ ކޮންމެ 50 ކިލޯ ހަކުރުން އެބަ ދޭ 10 ކިލޯ މެތު ހިލޭ. މެތަށް ފަރުވާ ދިނުމަށް ރާއްޖޭގައި އެއްވެސް ވަސީލަތެއް އަދި ގާއިމެއް ނުކުރެވޭ،" އަދީބު ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ފުރިހަމަ ދިރާސާއެއް ހަދައި، މަގުޗާޓެއް އެކުލަވާލަން ޖެހޭ

ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ރަނގަޅު ދިރާސާއެއް ހެދިފައި ނެތުމަކީ މިކަމާ ދެކޮޅަށް މިހާތަނަށް މަސައްކަތް ކުރަން އުނދަގޫވެފައިވާ އެންމެ ބޮޑު ސަބަބެވެ. މިދިޔަ އަހަރު ސަރުކާރުން ބުނީ މަސްތުވާތަކެއްޗަށް ކޮންމެ އަހަރަކު 400 އަށްވުރެ ގިނަ ކުދިން ވަންނަ ކަމަށެވެ. ނަމަވެސް އެ ކުދިން އެކަމުގެ ތެރެއަށް ވަނުމުގެ ކުރިން ހުއްޓުވަން ފިޔަވަޅު އަޅާތަނެއް ނުފެނެ އެވެ.

މަސްތުވާތަކެއްޗަށް ދެވިހިފާ މީހުންނަށް ރާއްޖޭގައި ދޭ ފަރުވާއަކީ އައުޓްޑޭޓްވެފައިވާ ފަރުވާއެއް ކަމަށް ގިނަ މީހުން ބުނަމުން އަންނައިރު، ފަރުވާއަކީ ފުރިހަމަ ފަރުވާއެއް ނޫން ކަމަށްވެސް މީހުން ބުނެ އެވެ. އެގޮތުން ފަރުވާގައި ހިމަނަން ޖެހޭ މުހިންމު ކަންކަން ނުހިމެނޭ ކަމަށް ވެސް އެތައް ބަޔަކު ޝަކުވާ ކުރެ އެވެ.

ހުރިހާ އުމުރު ފުރާއެއްގެ ކުދިންނަށް އެއް ފަރުވާއެއް ދޭއިރު، ހުންނަނީ އެކި ކެޓަގަރީތަކެވެ. ބައެއް ފަހަރު އެހެން އުމުރުފުރާގެ މީހުންނާއެކު ކެޓަގަރީއެއް ފުރިހަމަކުރަން ދާ 18 އަހަރުގެ ކުއްޖާވެސް އެނބުރި މުޖުތަމައުއަށް އަންނަނީ އެތައް ބައިވަރު އެހެން ގޯސް ކަންކަން ވެސް ދަސްކޮށްގެންނެވެ. މިހެންވުމުން ރާއްޖޭގައި ދެވޭ ފަރުވާގެ ނިޒާމަކީ އެންމެ ރަނގަޅު ނިޒާމު ކަމުގައި ބުނެވެން ނެތެވެ.

"ކޮންމެ ކުއްޖަކު ފަރުވާއިން ސަލާމަތެއް ނުވާނެ ރަނގަޅު ފަރުވާއެއް ނުދެވޭނަމަ. ފަރުވާއަށް ދާން ބޭނުން ނުވާ މީހާ ފަރުވާއަށް ގެންގޮސްގެން ބައެއް ފަހަރު ރަނގަޅުވޭ ފަރުވާ ރަނގަޅިއްޔާ،" ކުރިން ވާހަކަ ދެއްކެވި އަދީބު ވިދާޅުވި އެވެ.

ބޭރުގެ ޖަމިއްޔާތަކުން ދީލަތި އެހީތައް ރާއްޖެއަށް އަބަދުވެސް ވަމުން އަންނައިރު، އެ ޖަމިއްޔާތަކުން ސަރުކާރަށް ދޭން ބޭނުންވާ އެހީތެރިކަން ގަބޫލުކޮށް މިކަމުގެ ސީރިއަސްކަން ސަރުކާރަށް އެނގެން ޖެހެ އެވެ. މަސްތުވާތަކެތީގެ ގާނޫނަށް ރަނގަޅަށް ބޯލަނބައި، އެންޑީސީސީ ވެސް މަސައްކަތްކޮށް، އެތަނުގެ ޒިންމާ ވެސް އަދާކުރަން ޖެހެ އެވެ.