މާލޭގައި އުޅޭ ބުޅަލަށް ބޭނުންވާ ހިޔާވެހިކަން ނުލިބި އެ ބުޅާތަށް މަގުމައްޗަށް ގިނަވުމަކީ އޭގެ ސަބަބުން އެތައް ބަޔަކަށް އުނދަގޫވާ ކަމެކެވެ. ބުޅާތަކަށް އޯގާތެރިކަމާއެކު އަޅާލައި، ހިޔާވެހިކަމެއް ދިނުމަކީ މިއަދު ކޮންމެހެން ކުރަން ޖެހިފައި އޮތް މުހިންމު ކަމެކެވެ.
މިކަމަށް ހައްލެއް ގެނައުމަށް ސަރުކާރާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ބުޅާތައް ވަކިން ގެންގޮސް ބެލެހެއްޓުމަށް ވަކި ފެސިލިޓީއެއް ހުޅުމާލޭގައި އަންނަނީ ތަރައްގީ ކުރަމުންނެވެ. އެކަމަށް ބޭނުންވާ ބިމުގައި އެ މަސައްކަތް ފެށި ނަމަވެސް، މިހާތަނަށް މަސައްކަތް އެއްކޮށް ނިމިފައެއް ނުވެ އެވެ. މިގޮތުން ބުޅާތައް އެއްތަނަކަށް ގެންދިޔުމުގެ މަސައްކަތް އަދި ފަށާފައެއް ނުވެ އެވެ.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އަންދާޒާ ކުރައްވާ ގޮތުގައި މާލެ ސިޓީގައި މިހާރު "ސްޓްރޭ ކެޓްސް" ގޮތުގައި 3،000 އެއްހާ ބުޅާ އުޅޭއިރު، އެ އަދަދު އަހަރެއް ތެރޭގައި 6،000 އަށް އެރުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތުން މާލެ ތެރޭގެ ސާފުތާހިރުކަން ކަށަވަރު ކުރުމަށް، ބުޅާތައް ވަކި ސަރަހައްދަކަށް ގެންގޮސް ހިޔާވެހިކަން ވަގުތުން ވަގުތަށް ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ގޮތުގައި މޭޔަރު ދެކިވަޑައިގަންނަވަ އެވެ.
މާލޭގައި ބުޅާ އެންމެ ގިނަ ސަރަހައްދަކީ "ހެމާ ޕާކިސް ޒޯން" އެވެ. މިގޮތުން އެތަނުގައި "ކެޓް ޝެލްޓާ" ތައް އަމިއްލަ ޖަމިއްޔާއަކުން އަޅާފައިވާއިރު، އެ ޝެލްޓާތަކުގެ ބޭނުން ބުޅާތައް ހިފަ އެވެ. މިގޮތަށް މާލޭގެ އެކި ހިސާބުތަކުގައި ބުޅަލަށް ލޯބިކުރާ ފަރާތްތަކުން އެކި ހިޔާވެހިކަން ހަމަޖައްސައިދޭއިރު، އެކި ހިސާބުތަކުގައި ބުޅަލަށް ކާންދިނުމަކީ ވެސް އާންމު ކަމެކެވެ.
ނަމަވެސް ބުޅަލުގެ ނަޖިހުން މާލެ ކުނިވުމަކީ އަދި ކުނިތައް ބުޅާ ހާވާތީ ރައްޔިތުންނަށް ދިމާވާ އުނދަގުލަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. އެކަމުގެ ސަބަބުން ބަލިތައް ފެތުރުމުގެ ފުރުސަތު ވެސް ބޮޑެވެ. މިގޮތުން ކުނިތައް ބުޅަލަށް ފަޅާނުލެވޭ ގޮތަށް ބަހައްޓައި، ނަޖިސްތައް ސާފު ކުރުމަކީ އިސްކަން ދޭން ޖެހޭ ކަމެކެވެ.
ބުޅާތަކަށް ބޭނުންވާ ހިޔާވެހިކަން ނުލިބުމުން ދިމާވާ ހިތާމަވެރި ހާދިސާތައް ވެސް ގިނަ އެވެ. މިގޮތުން ބޯކޮށް ވާރޭވެހޭ ދުވަހެއްވެއްޖެއްޔާ ބައެއް ބުޅާތައް، ވަކިން ހާއްސަކޮށް ކުދި ބުޅާތައް ގެނބިގެން މަރުވެ އެވެ. މިއީ ހިތްދަތި ކަމެކެވެ. އަދި ވާރޭވެހުމުން ބުޅާ ނަޖިހާހެދި ވެސް އާންމުންނަށް އޮންނަނީ ތަކުލީފަކަށްވެފަ އެވެ.
ބުޅަލަށް އަނިޔާކުރާ މީހުން ވެސް ފަހަކަށް އައިސް ގިނަވެފައިވާއިރު، އެފަދަ ފަރާތްތަކަށް ފުލުހުން އަންނަނީ އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ. ބައެއް މީހުން ބުޅަލަށް އަނިޔާކޮށްގެން ހައްޔަރު ކޮށްފައިވާއިރު، ކޯޓުން އެމީހުންނަށް މުއްދަތު ވެސް ވަނީ ޖަހާފަ އެވެ. މިއީ މުޖުތަމައު ތެރޭގައި އާންމުވަމުން އަންނަ ކަމަކަށްވާއިރު، މިއީ ވެސް އެޑްރެސްކޮށްގެން ހޭލުންތެރިކަން އިތުރު ކުރަން ޖެހިފައިވާ ކެމެކެވެ.